ވޯލްޑް ޓްރެވަލް މާކެޓް (WTM) ލަންޑަން 2025 ގެ ތެރެއިން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށްގެންދާ ޓެކްސީތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން ފަށައިފިއެވެ.
ދެ މަސް ދުވަހުގެ މި ޕްރޮމޯޝަނަލް ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ކެމްޕޭނަކީ، ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ފުރިހަމަ މަންޒަރުތަކާއި ސިފަތައް ހިމެނޭ ގޮތަށް ކަވަރުކޮށްގެން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރަށް ގަދަކުރުމާއި، މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.
މި ކެމްޕޭނުގެ ސަބަބުން ލަންޑަންގެ މީހުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ޚާއްސަ ތަޖުރިބާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.




