ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އެ ސިޓީގައި ބޭންކުގެ ޚިދުމަތް ފުޅާކޮށްފިއެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމަކީ ވަރަށް އުފާކުރައްވާ ކަމަށާކައި، މި އޭޓީއެމްއާއެކު މި ސިޓީގެ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ބޭރު ފައިސާ ލިބުމަށް ފަސޭހަވެ، ފުވައްމުލަކުގެ އިގްތިސާދަށް އިތުރު ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 260 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.





