1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޤައުމަށްޓަކައި ފުރާނައިން ގުރުބާންވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ބަތަލް، ކުޅުދުއްފުށީ މާވާގޭ ޝަހީދު ޙުސައިން އާދަމްގެ ޤުރުބާނީ އާއި ހިތްވަރުގެ ހަނދާން ދިރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބިނާކުރި ހަނދާނީ ބިނާ ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަނދާނީ ބިނާ ހުޅުވައިދެއްވީ، ކުޅުދުއްފުށި ސީޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އަދި ޝަޙީދު ހުސައިން އާދަމްގެ އާއިލާގެ ބޭފުޅުންނެވެ.
މި ރަސްމިއްޔާތުގައި، ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ވެރިން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ފެށިގެން އައި ވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް ޢަބްދުﷲ އަށް ޚާއްޞަކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.
އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއްވެސް ވަނީ އަރުވައިފައެވެ. ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.





