ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެތެރޭގެ ތަޙުޤީޤެއް ފަށައިފިއެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދާ ދިމާލުން ކޮޅުވެއްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފުން ނިޔާވެފައިވާ ކަމަށެވެ.
މިގޮތުން އެމްޕީއެލްގެ ލޭބަރަރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން (32 އ) އިއްޔެ ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާއިރު، މަސޫދު ވަނީ އެ ކުންފުންޏަށް ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައި ކަމަށް އެމްޕީއެލް އިން ބުންޏެވެ.
އަދި ސީރިއަސް އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އެ ކުންފުނީގެ ލޭބަރަރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް ޢަބްދުﷲ ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވިއިރު، އަފްލާޙް އެމްޕީއެލް އާ ގުޅުނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލް އިން ވަނީ މި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ ޢާއިލާއަށްވެސް ތަޢުޒިޔާ ދަންނަވައިފައެވެ.
އަދި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން އެތެރޭގެ ތަޙުޤީޤު ފަށާފައިވާ ކަމަށާއި، ތަޙުޤީޤުން އެނގޭ މަޢުލޫމާތަށް ރިޢާޔަތްކޮށް އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.




