ޤައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިން ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވެން އޮތް ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރުމުގެ ޒިންމާ، ކޮންމެ ރައްޔިތަކަށްވެސް އޮތްކަން ފަޚްރެއްގެގޮތުގައި ދުށުމަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާކަމަށެވެ.
މާޒީގައި ޤައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލުމަށް ކަމަށާ، ނަމަވެސް ބަވަނަވެފައި އޮތް އަދުގެ ދުނިޔޭގައި ކަން ހިނގަމުންދަނީ އެ މޭރުމުން ނޫންކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެކްނޯލޮޖީގެ މި ޒަމާނުގައި، ޣާފިލުކަމުގެ ތެރޭގައިވަނިކޮށްވެސް މިނިވަންކަން ގެއްލި ހިނގައިދާނެކަމުގައެވެ. ދިވެހީންގެ އަތުގައި އޮތީ އެހެން ބައެއްގެ އަތުގައި ނެތް ޚާއްޞިއްޔަތުތަކެއްކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންނަކީ އެއް ދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަދައްކާ، އެއްބައިވަންތަ، އެއްބައެއްވަންތަ ބަޔަކަށްވާއިރު، އެކަންކަން ނިގުޅައިގަތުމަށް ކަނޑިއާއި ބަޑި ބޭނުން ނުވާކަމުގައެވެ.
ކަން މިހެން އޮތް ނަމަވެސް، ކޮންމެ ރައްޔިތަކަށް ތަމްރީނު ދީ، ހަތިޔާރު ދެވޭން ނޯންނާނޭކަމަށާ، ނަމަވެސް، ކޮންމެ މީހެއްގެ އަތުގައިވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ މާތްﷲ ސުބްޙާނަހޫވަތަޢާލާ ދެއްވި ސިކުނޑިކަމާއި، އެމީހެއްގެ ވިސްނުން ޤައުމާ އެއްކޮޅަށް ގެންގުޅޭނަމަހީ ޤައުމާ މެދު ކަންބޮޑުވާންނުޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމުގެ މިނިވަންކަން ގެއްލިދިޔަ ހާދިޘާތަކަށް ނަޒަރު ހިންގަވާ، އެކަމުގައި ބޭރުގެ ބަޔަކާ ގުޅިގެން ދިވެހީންގެ އަތެއް އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަމިއްލަ މަސްލަހަތަށް ވުރެ، ހިތުގެ އަޑީން ޤައުމީ ލޯބި އިސްކޮށް، ޤައުމާ އެއްކޮޅަށް ކަންކަން ކުރާން މަސައްކަތްކުރާހާހިނދަކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤުލާލު އަބަދުވެސް އޮންނާނީ ހިމާޔަތްވެ، ވަރުގަދަވެފައިކަމުގައި ވިދާޅުވެފައެވެ.
އިޤްތިޞާދީ މިނިވަންކަން ޤައުމުގައި އޮތުމީ، އެ ޤައުމުގެ ޙަޤީޤީ މިނިވަންކަމަށް ނުހަނު މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަތުގައި އޮންނަ ފޯނަކީ ޤައުމުގެ ދިފާޢަށް މިހާރު ބޭނުންކުރެވެން އޮތް އެންމެ ބޮޑު ވަޞީލަތުގެ ގޮތުގައި ސިފަކުރައްވާ، ކޮންމެ ރައްޔިތަކަށްވެސް ޤައުމާ އެއްކޮޅަށް މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރައްވާފައެވެ.
އިސްލާމް ދީނަކީ ލިބިފައިވާ އެންމެ މަތިވެރި ނިޢުމަތްކަމުގައި ޤަބޫލުކޮށް، ދީން އެންގެވި ގޮތަށް ޢަމަލާއި ބަސް ދިމާކޮށް، އެކަމަށްޓަކައި ފަޚްރުވެރިވެ، ކާބަފައިންނާއި އަބުޠާލުންގެ ޤުރުބާނީގެ ވާހަކަތައް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ދިވެހި ކާބަފައިންގެ ޤުރުބާނީގެ ވާހަކަ ޒުވާނުންނަށް އެނގެންޖެހޭކަމަށާ، އެ މަޤްޞަދުގައި ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ މުހިންމު ސިޔާސަތެއް ތަންފީޒުކުރައްވަން ފައްޓަވައި، ކާމިޔާބީއަށް ވާސިލުވަމުންދަނީ ދިވެހިރައްޔިތުން އެކަންކަން ބަލައިގަނެ، ފުރިހަމައަށް އެއްބާރުލުން ދެއްވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށް ޒުވާނުންނަށް ހުޅުވާލި ފުރުޞަތަށް އިތުބާރުކުރައްވާ، ދެއްވި ތަރުޚީބާއެކު މިއަދުގެ ރަސްމިއްޔާތުގައި ޤައުމީ ޚިދުމަތުގެ ފުރަތަމަ ބެޗު ބައިވެރިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ދިވެހި ޤައުމިއްޔަތު އިޔާދަކޮށް ދިރުވާ އާލާކުރަން މިޖެހެނީ އެހެންވެގެން. އަޅުގަނޑުމެންނަކީ ކޮން ބައެއްކަމާއި ޤައުމީ މިއަދާހަމައަށް ގެނައުމުގައި މަސައްކަތްކޮށް މިއަދާހަމައަށް ގެނެސްދިނުމުގައި ޤުރުބާންވީ ކޮން ބައެއްކަމާއި ޤުރުބާންތަކީ ކޮބައިކަން އަޅުގަނޑުމެންގެ ޒުވާނުންނަށް، މުސަތަޤުބަލަށް އެބަޖެހޭ ދަސްކޮށްދޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވިއެވެ.




