ކޮރެއާގައި މާސްޓާސްއަށް ކިޔެވުމުގެ ސްކޮލަރޝިޕްގެ ފަސް ފުރުޞަތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުޅުވާލައިފި އެވެ.
މި ފަސް ފުރުޞަތަކީ ކޮރެއާ އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖަންސީ (ކޮއިކާ) އިން 2026 ވަނަ އަހަރަށް އަމާޒުކޮށް ހުޅުވާލާފައިވާ މާސްޓަރސް ސްކޮލަޝިޕްތަކެކެވެ.
މި ފުރުޞަތުތައް ހުށަހަޅާ ޔުނިވަރސިޓީތައް:
- އެވްހާ ވިމެންސް ޔުނިވަރސިޓީ : މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ޖެންޑަރ އީކުއަލިޓީ
- ހަންޔަންގ ޔުނިވަރސިޓީ: މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ސްމާރޓް ސިޓީ މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ
- ކޮރެއާ ނެޝަނަލް ޔުނިވަރސިޓީ އޮފް އެޑިއުކޭޝަން: މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް
- ކޮރެއާ ޔުނިވަރސިޓީ: މާސްޓަރސް ޑިގްރީ ޕްރޮގްރާމް އިން ފިސްކަލް ޕޮލިސީ
- ސެއޯލް ނެޝަނަލް ޔުނިވަރސިޓީ: މާސްޓަރސް ޑިގްރީ އިން ޕަބްލިކް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯރމް
މި ސްކޮލަޝިޕްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. އަދި 2026 ވަނަ އަހަރުގެ އޭޕްރިލް 1 އަށް 35 އަހަރު ފުރިފައި ނުވާ ފަރާތަކަށް ވެސް ވާންޖެހެ އެވެ. މީގެ އިތުރުން އިނގިރޭސި ބަހުގެ ފެންވަރު އަންގައިދޭ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ.
ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ، އެލޯނަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތެއް ކަމުގައި ވާންޖެހެ އެވެ. އަދި ހަމަމިއާއެކު، ހުށަހަޅާ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ވާންޖެހޭނެ އެވެ.
އެޕްލިކޭޝަން ފޯމްއާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔެކިޔުންތައް ވެސް އިޢުލާންގައި ބަޔާންކޮށްފައިވެ އެވެ. މި ފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހަޅޭނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށެވެ. އަދި ލިޔެކިޔުންތަކުގެ އަސްލު ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.




