ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއެޅުމުގެ ގޮތުން، ހަކަތައިގެ ޤާބިލުކަމާއި ހަކަތަ ހިމާޔަތްކުރުމާބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ކެނދިކޮޅުދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ކެނދިކުޅުދޫގެ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް މުދައްރިސުންނާއި، ޕީޓީއޭ މެންބަރުންނާއި، ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްސަދަކީ ހަކަތަ ބޭނުންކުރުމުގައި ޒިންމާދާރުވުމުގެ މުހިންމުކަން އާންމުންނަށް އަންގައިދީ، ދެމެހެއްޓެނިވި ގޮތަކަށް ހަކަތަ ބޭނުންކުރުމަށް ބާރުއެޅުން ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ ހަކަތައިގެ ޤާބިލުކަން އިތުރުކުރުމުގެ ސަބަބުން، ވިހަ ގޭސް ބޭރުކުރާ މިންވަރު މަދުކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވާ ކަމަށާއި، ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި، ހަކަތަ ބޭނުންކުރުމުގައި ހަރުދަނާ އާދަތަކެއް އަށަގަންނަވައި، ކޮންމެ ފަރުދަކު ވެސް ހަކަތަ ބޭނުންކުރުމުގައި ފަރުވާތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.





