އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ކަރަންޓު ދެމުން އަންނަ ބޮޑު އެއް ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާއެކު، ދިމާވި މައްސަލަ ދެނެގަތުމަށް އެ ކުންފުނީގެ ކުރި މަސައްކަތުން، އެ މައްސަލަ ދެނގަނެވި، މައްސަލަ ހައްލުކޮށް މިހާރު އެ ސިޓީގެ ހުރިހާ ރަށްތަކަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ފެނަކައިން ވަނީ އައްޑޫ ސިޓީގައި ދެމުންގެންދާ ކަރަންޓުގެ ޚިދުމަތަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވައިފައެވެ.
އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.





