އަންނަ ރަމަޟާން މަހުގެ ކުރިން އޮޅުވެލިފުށްޓަށް ދީމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އޮޅުވެލިފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތައް އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްގެންދަވާނެކަމަށާއި އެ މަޝްރޫޢުތަކާއެކު ރަށަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ.
އެ ރަށުގައި ހުއްޓިފައި ހުރި މަސައްކަތްތައް ހުރިކަން ފާހަގަކުރައްވާ ރައީސް ވަނީ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ކަރަންޓުގެ މައްސަލަ ހައްލުނުވުމުގެ އޮތުމުގެ ސަބަބުން ނަރުދަމާ އަޅާފައި އޮތްނަމަވެސް ނަރުދަމާއާއި ޞިއްޙީ މަރުކަޒަށް އިތުރު ކުރި ޖާގަ އެކަށިގެންވާ ގޮތަށް ބޭނުން ނުކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަތަ ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެކަމަށެވެ. އަދި ފެނަކައަށް ބޭނުންވާ އެހީތެރަން ފޯރުކޮށްދީގެން މިކަން ވަރަކަށް ގާތުން ބަލައިގެން މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
"އަމާޒަކީ މިއަހަރުގެ ތެރޭގައި ނަރުދަމާގެ މައްސަލައަށް ހައްލުގެނައުމަށްޓަކައި އަދި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަރަންޓު މައްސަލައަށް ބޭނުންވާ ވަރަށް ހައްލުކޮށްދިނުން. އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން. ކަރަންޓުގެ މައްސަލަ ވަރަށް ގާތުން ސީދާ ރައަސް އޮފީހުން ވަރަށް ގާތުން ބަލާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަމުންދަނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި މަސައްކަތްތައް ނިންމުމާއެކު އިތުރު ކަންކަންވެސް ރައްޔިތުން އެދޭގޮތަށް ކުރިއަށްގެންދިޔުމަށްކަމަށެވެ. އެގޮތުން އެރަށު ކައުންސިލުން ތަރައްޤީކުރާ ވޯލީކޯޓު އެޅުމަށްޓަކައި ކައުންސިލަށް ފައިސާ ދާދި އަވަހަށް ޖަމާކޮށްދޭނެކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި މަގު ހެދުމުގެ މަޝްރޫޢޫއެއްވެސް ކުރިއަށްގެންދަވާނެކަމަށާއި ހުރިހާ ދާއިރާއަކުންވެސް ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





