އައްޑޫ ސިޓީ ހިތަދު އާއި ހުޅުދޫ-މީދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިމަސައްކަތުގެ އަގަކީ 1.02 މިލިއަން ޑޮލަރެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ އެކު އެވެ.
އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.
މިނިސްޓްރީން ބުނީ އައްޑޫގެ ބްރިޖުގެ ކޮންސަލްޓަންސީ ޕްރޮޖެކްޓުގެ ތެރެއިން ޓީވައި ލިން އިންޓަނޭޝަލް އިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަ ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކޮށްދޭނެ ކަމަށެވެ.
ހިތަދޫ-ހުޅުމީދޫ ބްރިޖު ވާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ދިގު ބްރިޖަށެވެ. އެ ބްރިޖުގެ ދިގުމިނަކީ 13-15 ކިލޯ މީޓަރެވެ.





