އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ޖިއަނީ އިންފަންޓީނޯއަށް ރާއްޖެއިން ދެންނެވި މަރުހަބާއާއިމެދު އުފާފުޅުކުރައްވާކަމަށް ރައީސުލްޖްމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވާ ރައްދުކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ފުޓުބޯޅަ ފުޅާކުރުމަށް ފީފާއިން ކެނޑިނޭޅި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ، ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާނޭކަމަށް ތަކުރާރުކުރައްވާފައެވެ.
އެގޮތުން، ހުކުުރު ދުވަހު ބޭއްވުނު މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައިވާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއެކު ގުޅިގެން މަސައްކަތްކުރެވޭނެ ފުރުސަތުތަކުގެ މައްޗައް ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި ފުޓުބޯޅައަށް އޮތް މަޤުބޫލުކަން އިތުރުކުރުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
އެފް.އޭ.އެމް ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ބޭއްވި ޚާއްޞަ އެގްޒިބިޝަން މެޗެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފުތިތާޙު ކޮށްދެއްވިއެވެ.





