ދާދި އަވަހަށް، ކުރިއަށް އޮތް ހަފްތާއެއް، ދިހަވަރަކަށް ދުވަސް ތެރޭގައި، މިދިޔަ ސަރުކާރުން ފުނި ޖައްސާފައި ހުރި، އެތައްހާސް މިލިއަން ރުފިޔާގެ ބިލުތަކާއި، މިދިޔަ ތިރީހަކަށް ދުވަހާ ހަމައަށް، ސަރުކާރަށް ލިބިފައި ހުރި ބިލުތައް، މި ހުރިހާ ބިލުތަކެއްގެ ތެރެއިން ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިންގޮސް، ބިލަށް ޕޭކުރުމާ ހަމައަށް ގޮސްފައި ހުރި ހުރިހާ ބިލަކަށް ފައިސާދީ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ލ. ގަމުރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
'' އޭރުންވެސް، ދިވެހި އެތައް ރައްޔިތުންނެއްގެ ކުދިކުދި ކުންފުނިތައް، ކުދި އަދި މެދުފަންތީގެ ކުންފުނިތަކުން ކުރި މަސައްކަތަށް ފައިސާ ލިބުނީމާ، އެތައް ރައްޔިތުންނެއް މުއްސަނދިވެގެންދާނެ. އެކަންވެސް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. އެއީ، ގާތްގަނޑަކަށް 2300 މިލިއަން ރުފިޔާ. 2.3 ބިލިއަން ރުފިޔާ. ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެބައި ދީ ނިންމަން'' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހަމަ އެގޮތަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ޕްރައިވެޓް އެތައް ކުންފުންޏަކަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ޕްރައިވެޓް އެތައް ކުންފުންޏަކަށް، ސަރުކާރުގެ އެތައް މަޝްރޫޢެއް އެބަ ހަވާލުކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެން ދިޔުމުން، އާންމު އެތައް ރައްޔިތުންނަކަށް، އެތައް އާއިލާތަކަކަށް، އޭގެ ސަބަބުން މުއްސަނދިކަން ލިބި އިޤްތިޞާދު ފުޅާވެގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ، ރާއްޖޭގެ ދެވަނަ ނުވަތަ ތިންވަނަ އިންޑަސްޓްރީ ، ބައެއްފަހަރު ދެވަނަ އިންޑަސްޓްރީކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
''މީގެ ކުރީގައި ސިޔާސަތުތައް އޮތްގޮތުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އޮތީ އަނދަވަޅަކަށް ވެއްޓިފައި. އަދި މުޅި އިޤްތިޞާދު އޮތްގޮތަށް އަނދަވަޅަކަށް ވެއްޓިފައި. އެހެންވީމާ، އެކި ކުދިކުދި މެދުފަންތީގެ ކުންފުނިތަކާއި، އަދި ބޮޑެތި ބައެއް ކުންފުނިތަކަށް، ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުގެ މިހިރަ އެކި މަޝްރޫޢުތައް، އަޅުގަނޑު ވަޢުދުވެފައި ހުރި އެތައް ވަޢުދެއް ފުއްދުމަށްޓަކައި، އޭގެ ތެރޭގައި ސްކޫލްތަކާއި، ހެލްތު ސެންޓަރުތަކާއި، ކުޅިވަރާ ގުޅޭ އިމާރާތް ކުރުމާއި، މިސްކިތްތަކާއި، މިހެންގޮސް އެތައް ތަނެއް އެޅުމުގެ މަސައްކަތް އެބަ ހަވާލުކުރަން. އަޅުގަނޑުމެން ހަމައެކަނި މަސައްކަތް ކުރުވަނީކީ ސަރުކާރުގެ އެސް.އޯ.އީ.ތައް ލައްވައެއްނޫން. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ތަރުތީބު ކުރެވިގެން، ޕްލޭން ކޮށްގެން. އެއިރަކު މަސައްކަތް ކުރަން އެންމެ ރަނގަޅު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެ މަސައްކަތެއް ހަވާލުކުރަންޖެހޭނެ ފަރާތްތަކާ ޤާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ހަވާލުކޮށްގެން'' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ މިފަދަ ހުރިހާ ކަމެއް ތަރުތީބުކުރެވި، ފައިސާ ޗާޕުކުރުމަކާ ނުލައި، ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުން އަދި ޢަދުލުވެރިކަމާ އެކީގައި ރައްޔިތުން މުއްސަނދިކޮށްދިނުން އެއީ، އަޅުގަނޑުމެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިޤްތިޞާދީ ގޮތުންވެސް މަސައްކަތްތައް ލިބި، އޭގެ ތެރެއިން ހުންނަ އެކިކަހަލަ ސަބް މަސައްކަތްތަކާ އެކި ފަރާތްތައް ހަވާލުވުމުން ރަށްރަށަށް ކުރިއެރުން އަންނަ ގޮތަށް ކަންކަން ބައްޓަންކުރެވިގެން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.






