ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަލެއްވީ، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މާވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ވަޑައިގެންނެވުމުން، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭ މަޢުލޫމާތު އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.
President @MMuizzu inspects the land reclamation site in L. Maavah, marking progress towards the island’s development goals. #RayyithunGaathah #LaamuAtollVisit pic.twitter.com/MWnC7BnEAx
— The President's Office (@presidencymv) October 20, 2025
މި މަޝްރޫޢުގެ ދަށުން ފުރަތަމަ ހިއްކަން ނިންމީ 15 ހެކްޓަރުގެ ބިމެވެ. ނަމަވެސް ޕްރޮޖެކްޓް ސްކޯޕަށް ގެނެވުނު ބަދަލުތަކާއެކު އިތުރު 15 ހެކްޓަރުގެ ބިން ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ.