މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ތިން މީހެއްގެ ނަން ތަޅުމަށް ފޮނުވައިފިއެވެ.
ޖުމްލަ ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޝަންގައި ތިބެނީ ނޫސްތަކުން ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ.
އޭގެ ތެރެއިން ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ހަތަރު މެންބަރަކު މިހާރު އައްޔަންކުރައްވާފައިވާއިރު، މަޖިލީހުން ކަނޑައަޅާ މެންބަރުންނަށް މިއަދު ވޯޓަށް އަހާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޖުމްލަ 10 ނަމެއް ފޮނުވި ނަމަވެސް، ދެ ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވައިފައެވެ. އެހެންވެ ކޮމިޓީން އިންޓަވިއުކުރީ އަށް ފަރާތަކަށެވެ.
އެ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ކޮމިޓީން ނިންމީ ތިން ނަމެއް ތަޅުމަށް ފޮނުވުމަށެވެ. އެއީ:
- މުހައްމަދު ފަރުސަތު / ހ. ޓޫހާޓްސް (90.5 ޕަސެންޓު)
- ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު / ބިއްލޫރިވިލާ، ދ. މީދޫ (88.88 ޕަސެންޓު)
- ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު / ގ. ގޮފި (87.88 ޕަސެންޓު)
ގަވައިދުގައިވާ ގޮތުން ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވޭނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ނަންތައް އެކަންޏެވެ.