ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފިއެވެ.
މިގޮތުން މި އަހަރު ބީއެމްއެލްގެ ސްކޮލަރޝިޕް ހާސިލުކުރި ތިން ދަރިވަރުންނަކީ މުޙައްމަދު ޢާހިލް އަޙްމަދު އާއި، މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީ އެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.
މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
މި އަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މަރުހަބާ ދަންނަވައިފައެވެ.
" މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން"، ޝަރީފް ވިދާޅުވެފައިވެއެވެ.
2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.