ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމަވައިފިއެވެ.
ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރުމާއި ގުޅޭ އުސޫލެއް ގެޒެޓުކޮށް، މިއަދު ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.
ކަސްޓަމްސްއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމައެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމާއި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި ޢަމަލުކުރާ ޢުސޫލުގެ ދަށުން ފައިސާ ދައްކަން އެފަރާތަކަށް އަންގާފައިވުން ހިމެނެއެވެ.
މި އުސޫލުގެ ހާމަކުރާނީ ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި މައުލޫމާތާއި ނުދައްކާ އޮތް ފައިސާގެ އަދަދާއި، ފައިސާގެ ބާވަތާއި ފައިސާ ދައްކަންޖެހޭ ސަބަބެވެ.
މި އުސޫލުގެ ދަށުން ނަން ހާމަކުރުމުން އިސްތިސްނާވާ ފަރާތްތަކެއް ހިމެނެއެވެ. އެގޮތުން އިސްތިސްނާވާ ފަތާތްތަކަކީ ކަސްޓަމްސްއަށް ދަށްކަންޖެހޭ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން އަންނަ ފަރާތްތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ހިނގަމުންދާ ޕްރޮޖެކްޓް ނުވަތަ ޕްރޮޖެކްޓް ހިންގާ ފަރާތެވެ.