ގެސްޓްހައުސްތަކުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ފަރާތްތައް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން، ގެސްޓްހައުސްތަކުގައި މިފަދަ ޚިދުމަތް ދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށްޓަކައި މާލެ ސަރަހައްދުގައި އެ އޮތޯރިޓީ އަދި އަތޮޅު ތެރޭގައިނަމަ، އެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެމްއެފްޑީއޭ އިން ވަނީ އަންގައިފައެވެ.
އެމްއެފްޑީއޭ އިން ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 21 އިން 30 އަށް މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ޚާއްޞަ އިންސްޕެކްޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި އިންސްޕެކްޝަންގެ ތެރެއިން ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަންދުކޮށްފައިވެއެވެ.