މާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖަނަވަރީ 19 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 181 މަގެއްގެ، 27،654 އަށް ވުރެ ގިނަ ކާނު ސާފުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 181 މަގުން މި މުއްދަތުގެ ތެރޭގައި 1،939 ޓަނޭޖްގެ ވެއްޔާއި ކިސަޑާއެކު ކުނިބުނި ވަނީ ނެގިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން ފަސް މަގެއްގެ ކާނު އަދި ވަނީ މުޅިން ސާފު ވާގޮތް ވެފައި ނުވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށާއި، މި ކާނުތަކުގައި ކުނި ގިނަވެ ތާށިތައް ކުރިމަތިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެރުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރޭ ކަމަށެވެ.






