ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮ އަގެއްގައި، ލުއިފަސޭހަކޮށް، އާންމު ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތް، މިއަދުން ފެށިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން ނިންމެވީ 10 ސެޕްޓެންބަރު 2025 ގައެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެ ތަރުކާރީއާއި ދިހަ ބާވަތުގެ މޭވާގެ އިތުރަށް ކުކުޅުބިހާއި، މުގު އަދި ކާށި އެސްޓީއޯއިން ގެނެސް ބާޒާރަށް ނެރެ ހެޔޮ އަގުގައި ވިއްކަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.
މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯއިން މިއަދު ވިއްކަން ފެށި 10 މޭވާގެ ތެރޭގައި ހިމެނެނީ ދޮންކޭލާއި، އާފަލާއި، އޮރެންޖާއި، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ. މީގެ އިތުރުން އެސްޓީއޯ އިން ވިއްކަން ފެށި 10 ބާވަތުގެ ތަރުކާރީގެ ތެރޭގައި ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފަސޭހަކޮށް ހެޔޮ އަގުގައި ލިބޭނެ ގޮތް ކަށަވަރު ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހަމަޖެހިގެންދިޔަ ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމެކެވެ.