ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހުމާއި ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މަރްޙަބާ ކިޔައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޭޕަލް އާއިއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ތަޢާރަފު ކުރުމަށް ހަމަޖެހިގެންދިއުމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުން ކަމަށެވެ.
"ދިވެހި ފަންނުވެރިން ކުރިއަރުވާ، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ޒަރިއްޔާއިން އިޤްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒު. މިގޮތުން، ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ މި މުހިންމު ޚިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ދިވެހިރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުން. މި ކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ"، އެ ބަޔާނުގައި ވެއެވެ.
"މިފަދަ ޚިދުމަތްތައް ޤައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުޢާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ޤައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، މިފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަނީ ނުހަނު ބޮޑު އިސްކަމެއްދީ، އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަޑަތުކޮށްފައި"، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާއި، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ޕޭޕަލް، އުރީދޫ ފިންޓެކް މޯލްޑިވްސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މި މުހިންމު މަސައްކަތް ކާމިޔާބުކުރުމުގައި އެ މިނިސްޓްރީއާއެކު މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
" އެންމެން ޝާމިލުވާ، ގުޅިލާމެހިފައިވާ ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރާ މި ދަތުރުގައި، މާލީގޮތުން ދުނިޔޭގެ އެންމެ މަޤްބޫލު އަދި އެންމެ ފެންވަރު ރަނގަޅު ޓެކްނޮލޮޖީގެ މިނޫން އިތުރު ވަސީލަތްތަކާއި ޚިދުމަތްތައް ރާއްޖެއަށް ތައާރަފުކުރުމަށްވެސް ސަރުކާރުން އަބަދުމެ އިސްކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވަން"، އެ ބަޔާނުގައި ވެއެވެ.