ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ ސޯޝަލް ހައުސިންގ ފުލެޓުތައް ކުއްޔަށް ދޫކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕުރޮގުރާމަކަށް ވާތީ، މި ފުލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފުލެޓު ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ ބަލަމުންދާނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެއްބަސްވުމާ ޚިލާފަށް، އެހެން ފަރާތަކަށް ފުލެޓު ކުއްޔަށް ދީފައިވާނަމަ، އެ ފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.






