އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފިއެވެ.
މިއީ ސީއޭ މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވާ ފޯރަމެކެވެ.
"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025"އަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ މެދުގައި ޢިލްމު ހިއްސާކުރުމާއި، މަޝްވަރާ އުފެއްދުމާއި، ފަންނީ ތަޖުރިބާ އިތުރުކުރުމަށް މުހިންމު ފޯރަމެކެވެ. އަދި މި ފޯރަމްގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކޮށް، މެދުނުކެނޑި އުނގެނުމާއި އެކައުންޓިންގ ޕްރޮފެޝަނަލުންގެ މެދުގައި އަޚްލާޤީ އުސޫލުތައް ތަޢާރަފްކުރުމަށް ހިތްވަރުލިބިގެންދެއެވެ.
ކޮންމެ އަހަރަކުވެސް ޚާއްސަ ޝިއާރަކަށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ އެކައުންޓެންޓްސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ "ސްޓްރެންތެނިންގ ފައިނޭންޝިއަލް ޤަވަރނެންސް އެންޑް އެކައުންޓަޓަބިލިޓީ" މިޝިޢާރަށެވެ.
މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް އަބްދުﷲ ވަނީ މިފަދަ ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ފޯރަމްގައި 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.






