ރޮޓަރީ ކްލަބް އޮފް މާލެ (އާރުސީއެމް) އިން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ތަފާތު ބާވަތްތަކުގެ 170،000 ގަސްއޮށް މިއަދު ހަދިޔާކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ ރޮޓަރީ ކްލަބް އޮފް މާލެއިން ހަދިޔާކުރި އޮށެއްޗެހީގެ ތެރޭގައި ދިވެހި އޮނު، ފޭނީ އޮނު، ބޮޑު ކުންނާރު، އަދި އަރޮޅި ފަދަ ގަސްތަކުގެ އޮށް ހިމެނޭ ކަމަށާއި، މި އޮށްތަކަކީ ރާއްޖޭގެ ތިމާވެއްޓަށް އެކަށޭނަ، އަދި ދިގު މުއްދަތަށް ދެމިހުންނާނެ ގަސްތައް އިންދުމަށް ބޭނުންވާނެ މުހިންމު ވަސީލަތެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ހަދިޔާކުރި މި އޮށްތައް ފުރަތަމަ ނަރސަރީތަކުގައި އިންދައި، ގަސްތައް ވަކިވަރަކަށް ބޮޑުވުމުން ރާއްޖޭގެ އެކި ރަށްރަށަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިގޮތަށް ގަސްތައް ބަހާލުމަށް ފަހު ރަށްރަށުގައި ގަސްއިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ގްރީންހައުސް ގޭސްތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.





