އދ. މާމިގިލީގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އިމާރާތްކުރަން ސަރުކާރުގެ މަގު ހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މާމިގިލީގައި ތަރައްގީކުރާ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއެއްގެ އިތުރުން ފަސް ކްލާސްރޫމާއި މަލްޓި ޕާޕަސް ސެމިނާ ހޯލެއް ވެސް ހިމެނެއެވެ. އަދި، އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭނެއެވެ.
މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްތަރު އިބްރާހިމް ނަޡީމެވެ.






