މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ގުޅިގެން ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
އެމްއޭސީއެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމް.އޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ.
މި ފަހުމުނާމާއާއެކު، "އެއިމް" ވަނީ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑަށް ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި، އިންސްޓިޓިއުޓް ބޭސްޑް ޓްރެއިނިންގ ޕްރޮވައިޑަރ އެއްގެގޮތުގައި އެމްއެންއެސްޑީއޭގައި ރަޖިސްޓަރީ ކޮށްފައެވެ.
މި ފަހުމުނާމާގެ ދަށުން އެމް.އޭ.ސީ.އެލްގެ މުވައްޒަފުންނަށް އިންސްޓިޓިއުޓް ބޭސްޑް ތަމްރީނު ދިނުމަށާއި، ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަންގެ ދަށުން ގިނަދުވަހު ޚިދުމަތުގައި ތިއްބެވި ހުނަރުވެރި މުވައްޒަފުން ސަރޓިފައި ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލް އާއި އެމްއެންއެސްޑީއޭގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.





