ނިމިދިޔަ ސެޕްޓެންބަރު މަހު ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓާ ގުޅޭ 13 މައްސަލަ ބަލާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. މިގޮތުން ވޭޕާ ގުޅޭ 24 މައްސަލައަކާ ގުޅިގެން މިދިޔަ މަހު ޖޫރިމަނާކުރެވުނު ޖުމްލަ އަދަދަކީ 136،500 ރުފިޔާއެވެ.
ފުލުހުންގެ ޚިދުމަތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ސެޕްޓެންބަރު މަހުގެ 1 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ވޭޕް ބޭނުންކުރުމުގެ 14 މައްސަލައިގައި 95،500 ރުފިޔާއިން ޖޫރިމަނާކޮށްކޮށްފައިވާއިރު، ވޭޕް ގެންގުޅުމުގެ 10 މައްސަލައިގައި 41،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.
ރާއްޖޭގައި ވޭޕު ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރަށް 50,000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީޢާއިން ކުރު މެސެޖެއް ފޮނުވާނެ ކަމަށާއި، އެ މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާނެ ކަމަށް ބަޔާންކޮށްފައެވެ.





