ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ބ. ކިހާދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ހިންގި މި ހަރަކާތުގެ މަގުސަދަކީ މިފަދަ ޖިނާއީ އަމަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންނަށް މައުލޫމާތުދީ އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.
މިގޮތުން ކިހާދޫ ޕޮލިސް ޕޯސްޓުގެ ފަރާތުން ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް އަދި ފިހާރަތަކަށް ޒިޔާރަތްކޮށް ވެސް މައުލޫމާތު ދީފައިވާ ކަމަށާއި، ފިހާރަތަކުގެ ކޭޝިއަރުންނަށް އަމާޒުކޮށްގެން ކުރެވޭ މަކަރާއި ހީލަތުގެ އަމަލުތަކުގެ މައުލޫމާތު ހިއްސާކޮށް އަދި މިފަދަ އަމަލުތަކުން ސަލާމަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފައިސާގެ މުއާމަލާތްތަކާއި އެހެނިހެން މުހިންމު ކަންކަމުގައި އަބަދުވެސް ސަމާލުކަން ބެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު، ފޯނަށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށާއި އޮންލައިން ވިޔަފާރިކުރާއިރު މަކަރާއި ހީލަތުގެ އަމަލެއް ހިނގިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަރަކާތުގައި، އަމިއްލަ ނަފުސުގެ ރައްކާތެރިކަމާއެކު މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ މައްޗަށް އިސްކަން ދެވުނު ކަމަށާއި، މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާ މި ދުވަސްވަރުގައި، މިފަދަ ހޭލުންތެރިކަމުގެ ސެޝަންތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.






