ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ޤައުމީ ތަރައްޤީގެ ޕްލޭނަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ "ކުރިމަގު ސައްލާ" ރާއްޖޭގެ މީހުން ދިރިއުޅޭ ފަންސާސް ރަށުގައި ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.
ރަށްރަށުގައި ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ރަށުގެ ކައުންސިލް މެންބަރުންނާއި އާއްމު ރައްޔިތުންނާއި ބައްދަލުކޮށް ޚިޔާލާއި މަޝްވަރާ ދަނީ ހޯދަމުންނެވެ.
ކުރިމަގު ސައްލާ އަކީ ޤައުމީ ތަރައްޤީގެ ޕްލޭން "ވިލުންތެރި ރާއްޖެ 2045" އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސައްލާ އެކެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ދަތުރުކުރަމުން ދަނީ މި ޕްލޭންގެ ދިރާސާ މަސައްކަތް އެވޯޑްކޮށްފައިވާ ކޮންސަލްޓެންޓް، ނެކްސިޔާ މޯލްޑިވްސްގެ ޓީމް ތަކުންނެވެ. އެޓީމުން މިހާތަނަށް ވަނީ ފަންސާސް ރަށުގައި އާއްމުންގެ ޚިޔާލުހޯދާފައެވެ.
"ވިލުންތެރި ރާއްޖެ 2045" ޤައުމީ ތަރައްޤީގެ ޕްލޭން އަކީ، ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިދެވޭގޮތަށް އެކުލަވާލުމަށް ތައްޔާކުރަމުންދާ ޕްލޭނެކެވެ.
ބައްދަލުވުންތައް ނިމިފަވާ އަތޮޅުތައް:
1- އައްޑޫ ސިޓީ
2- ފުވައްމުލައް ސިޓީ
3- ހއ. އަތޮޅު
4- ވ. އަތޮޅު
5- އދ. އަތޮޅު
ޤައުމީ ތަރައްޤީގެ ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި ރާއްޖޭގެ ތިމާވެށްޓާއި ޢުމްރާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.