އަންނަ މަހު ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވާދަކުރަން ނަން ހުށަހަޅާ ފަރާތްތަކުން ވީހާވެސް އަވަހަށް ރެކޯޑު ސާފު ކުރުމަށް ހުށަހެޅުމަށް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު އަންނަ މަހުގެ 11ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ މަގާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 4ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފުކޮށް، އެ ލިޔުން ހުށަހަޅަންޖެހެއެވެ. އެހެންކަމުން، ރެކޯޑު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމަށް އެދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން އެދެއެވެ.
ޑީޖޭއޭއިން ވިދާޅުވީ މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން އެ ޑިޕާޓްމަންޓުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ރެކޯޑު ސާފުކުރުމަށް ހަމަޖެހިފައިވަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުންކަން ފާހަގަކުރައްވައި ޑީޖޭއޭއިން ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑް ޕޯޓަލަށް އަޅައި އަދާހަމަކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށާއި ރެކޯޑުސާފުކުރުމަށް ހުށަހަޅާފަރާތްތަކުން ވަގުތު އޮއްވައި ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް ވިދާޅުވިއެވެ،
ޑިޖޭއޭއިން ވިދާޅުވީ މީޑިއާ ކޮމިޝަންގެ އިންތިޚާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ. އޭގެ ފަހުން ހުށަހަޅައިފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ރެކޯޑު ސާފުކުރުމުގެ މަސައްކަތް ނުނިމުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޑިޕާޓްމަންޓުގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.






