އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ ޔޫ.އެން އާންމު މަޖިލީހުގެ ތެރެއިން، ކްލައިމެޓް ވީކް އެންވައިސީގެ ހަރަކާތްތަކާ ދިމާކޮށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމް، ޔޫކޭގެ ކްލައިމެޓް މިނިސްޓަރ ކެއިޓީ ވައިޓް އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާ ގުޅޭގޮތުން ކުރެވޭ އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ގުޅުން ބަދަހިކުރުމެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ދެޤައުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްސަކޮށް، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް ޔޫކޭގެ އެހީތެރިކަން އިތުރަށް ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫކޭއާ ދެމެދު މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއިން ކުރެވޭ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށައި، ދެޤައުމުގެ އެއްބާރުލުމާއެކު މި ދާއިރާއިން ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.





