ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުاللهއާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.
މިމަހުގެ 16 އިން 20 އަށް ކުރެއްވި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ޢަބްދުއްރަޙީމް ވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ވަގުތީ ރައީސް، އޮނަރަބަލް ޔޫސުފް ރަޒާ ގިލާނީގެ އަރިހަށްވެސް އެމަނިކުފާނު ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.





