މާރާމާރީއެއްގައި އަނިޔާ ލިބުނު މީހަކު އޭނާއަށް ފަރުވާދިން މުވައްޒަފުންނަށް ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 14 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހީމް (28 އ) އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް، ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރު ދީ ބިރު ދެއްކުމުގެ އިތުރުން، ޖީބުން ވަޅިއެއް ފެނިފައިވާ މައްސަލައިގައި ސެޕްޓެންބަރު 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ލޫތު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.





