ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފުލިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ވ. އަތޮޅު މަދަރުސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމާއި، ޑޮލަރު އޭޓީއެމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މިއަދު ޢަމަލީ މަސައްކަތް ފެށިގެންދިޔަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަންވެސް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގެ ބިންހިއްކުމަށް މިހާރު ހެދިފައިވާ ކޮންސެޕްޓްގެ ޑިޒައިނަށް ބަދަލުގެނައުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން މިއަދު ޢަލަމީ މަސައްކަތް ފެށުނު، ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ފެށިގެން ދިއުމުން މިހާރު ރަށުގެ ޞިއްޙީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުވެގެން ދާނެކަމަށް ފާހަގަކުރައްވައި، ޞިއްޙީ މަރުކަޒަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިތުރަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ސުކޫލުގެ މަލްޓި ޕާރޕަސް ހޯލްގެ މަސައްކަތް އަވަސް ކޮށްދެއްވުމާއި ރަށުގެ ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ވަޞީލަތް މަދުކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން