ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލްގެ ކޮވެލި ލައުންޖު ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ވީއައިއޭ ޓަރމިނަލް 1 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ލައުންޖު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދެވެ.
އަދި އެމަނިކުފާނުގެ އަރިހުގައި މޯލްޑިވްސް އެއަރޕޯޓްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމަށްވާ މުޙައްމަދު ލަމްޢާން އަދި މުޖުތަބާ ލަޠީފާއި އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓުންވެސް ބައިވެރިވެލެއްވިއެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވީ 26 ޖުލައި 2025 ގައެވެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.
މި ލިޔުން ކިޔާލުމުން