މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އިސް ވަފުދަކާއެކު ބައްދަލުވުމެއް ބާއްވަވައި، ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ އިޤްތިޞާދީ ގުޅުން މުރާޖަޢާކޮށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލާސުބްރަމަނިއަން އެވެ. އެމަނިކުފާނުގެ އަރިހުގައި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް، 18 ސެޕްޓެމްބަރު 2025 ގައި މުއްދަތު ހަމަވުމުން އިތުރުކުރެވޭނެކަން ކަށަވަރުކުރެވުނެވެ. މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަމެވެ.
ފިނޭންސް މިނިސްޓޤރީން މައުލޫމާތުދިން ގޮތުގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ ޕޯޓްފޯލިއޯއަށެވެ. ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވައި، ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ
މީގެއިތުރުން، މިބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު މަޝްވަރާކުރެއްވިއެވެ. ދެފަރާތުންވެސް ވަނީ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހިންގޭ ވިޔަފާރީގެ މިންވަރު އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން