އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓީވެޓް) ގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެވޯޑް ދިނުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ ޓީވެޓް ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ފަރާތްތަކާއި، އެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމެވެ. އަދި މީގެ އިތުރުން، ދަރިވަރުންނަށް އެހީތެރިވެ، އެ ދަރިވަރުން ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދީފައިވާ މުވައްޒަފުންނަށް ހިތްވަރު ދިނުމެވެ.
މި ގޮތުގެ މަތިން ތިން ބާވަތެއްގެ އެވޯޑަށް އެޕްލިކޭޝަން އަދި ނޮމިނޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
1. ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް:
މިއީ ޓީވެޓް ދާއިރާގައި 25 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް، ސިޔާސަތުތައް އެކުލަވާލުމުގައި ނުވަތަ މަންހަޖު އެކުލަވާލުމުގައި ނުވަތަ މުއައްސަސާތައް ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
2. ލޯންގ ސަރވިސް އެވޯޑް:
މިއީ މޯލްޑިވްސް ޕޮލިޓެކްނިކް އަދި އެހެނިހެން ޓީވެޓް މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން 10، 15، 20، 25 ނުވަތަ 30 އަހަރު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް ދީފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
3. އެޗީވްމަންޓް އެވޯޑް:
އެކްސްޕޯތަކާއި މުބާރާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެދީ، އެ ދަރިވަރުން ކާމިޔާބު ހޯދުމަށް މަގުފަހިކޮށްދީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަން ރީތިކޮށްދީފައިވާ މުވައްޒަފުންނަށް ދެވޭ އެވޯޑެކެވެ.
މި އެވޯޑުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 2025 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އެޕްލިކޭޝަންތައް އޮންލައިންކޮށް ރަސްމީ ގޫގުލް ލިންކް މެދުވެރިކޮށް، ނުވަތަ ޕޮލިޓެކްނިކަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވިދާނެއެވެ. އެޕްލިކޭޝަން ފޯމުތައް މޯލްޑިވްސް ޕޮލިޓެކްނިކްގެ ރިސެޕްޝަނުން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 09:00 އަށް ލިބެން ހުންނާނެއެވެ.
މި ލިޔުން ކިޔާލުމުން