އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް - އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ" ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވެބިނާއެއް ބާއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި މި ވެބިނާގައި އަލީބާބާގެ އިކޯސިސްޓަމާއި ދުނިޔޭގެ ބާޒާރުގައި ބައިވެރިވުން ހަރުދަނާކުރުމުގެ ޢަމަލީ ޢިލްމު ލިބިގެންދިޔަ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތަކެވެ.
މިއަދުގެ ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ލިބިގެންގޮސްފައެވެ.
މިއަދުގެ ވެބިނާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި، މިއަދު މި ފެށިގެންދަނީ ދިވެހި އުފެއްދުންތައް ހުރިހާ ކަނޑެއް ހުރަސްކޮށް، ހުރިހާ ބައްތަކަށް ގެންދެވޭނެ ޑިޖިޓަލް ބުރިޖުތަކެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިއީ އަލީބާބާގެ ބޮޑު އޯޑިއެންސާއެކު ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ބޭނުންކޮށްގެން ދިވެހި ވިޔފާރިތަކަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމެއް ކަމުގައެވެ.
އިޤުތިޞާދީ ވުޒާރާއިން ބުނީ އަލީބާބާ.ކޮމް އާއެކު ފެށިގެން މިދިޔަ މަސައްކަތަކީ ސަރުކާރުގެ ފަންނުވެރި އިޤުތިޞާދުގެ އިސްތިރާޖު ކުރިއެރުވުމަށާއި، ދިވެހި ވިޔަފާރިތަކަށް ޑިޖިޓަލް ވިޔަފާރީގައި ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައި ބައިނަލްއަޤްވާމީ މާކެޓުތަކުގައި ވާދަކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ލިޔުން ކިޔާލުމުން