ފުވައްމުލަކު ރައްޔިތުންނަށް ދެވޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމުގެ ކުރިން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު، ވަޒީރު އަމީން ވިދާޅުވީ، ފުވައްމުލަކު އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސް މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ. މި ކަމުގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން