ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް 116 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކަގޮތުން މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ހިލޭ ޑިގްރީ ސްކީމަށް ދައުލަތުން ވަނީ 116،787،709.85ރ. ހޭދަކޮށްފައެވެ. މިއާއެކު މި ސްކީމް ތަޢާރަފްކުރި ދުވަހުން ފެށިގެން މިހާތަނަށް ކުރި ޚަރަދު ވަނީ 267،152،576.58ރ. އަށް އަރައިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރު އެކަނިވެސް މި ސްކީމަށް 1،687 ދަރިވަރުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 1،051 އަންހެން އަދި 636 ފިރިހެން ދަރިވަރުންނެވެ. މީގެ އިތުރުން މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 2،237 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1،454 އަންހެން އަދި 783 ފިރިހެން ދަރިވަރުންނެވެ.
މީގެ އިތުރުން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން މި ވަގުތު 8،330 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ހިމެނެނީ 5،248 އަންހެން ދަރިވަރުންނާއި 3،082 ފިރިހެން ދަރިވަރުންނެވެ.
މި ލިޔުން ކިޔާލުމުން