ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލެއަތޮޅު މާފުށީގައި ބަނދެފައިވާ ސޭންޑް ބާޖް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް އަދި ކޮންމެ ނިޒާމަކުން ވެރިކަން ކުރިކަމުގައި ވިޔަސް ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ވެރިކަންކުރެވޭނެ އުސޫލުތައް އެކުލެވިގެންވާ ނިޒާމުކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަނެފައިވާ ނިޒާމު ކަމަށެވެ.
އިއްޔެ ހަވީރު މާފުށީގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގުޅިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަންކުރެވޭނެ ނިޒާމެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒި ނިމާޒުގެ ޙަޤީޤީ މާނައަކީ ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވައިފި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސޭންޑް ބާޖް އިފްތިތާޙްކުރުމަށް އިއްޔެ ހަވީރު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ހަރަކާތްތައް ފެށިގެން އަންނަތާ 15 ވަރަކަށް އަހަރުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ލިބިދިނުމާއި، ކައުންސިލްތަކަކީ މުސްތަޤިއްލުކަމާއެކު ހިނގާނެ ތަންތަންކަމުގައި ހެދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެތެރެއިން، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތު ތަންފީޒުވެ އޭގެ ނަތީޖާ ނެރެވިދާނެކަމުގެ އުއްމީދު މާފުށީ ކައުންސިލުން ސާބިތުކޮށްދެއްވާފައި ވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާފުށީ ކައުންސިލްގެ ފަރާތުން ފެނިގެންދަނީ ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުން ގެނެސްދޭތަން ކަމަށެވެ. އަދި މާފުށީގައި އިއްޔެ އިފްތިތާޙުކުރެވިގެން ދިޔަ ދެ މަޝްރޫޢަކީ ރައްޔިތުންގެ ކުރިއެރުމާއި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން މާފުށީ ކައުންސިލުން އުފެއްދި ކުންފުންޏަކީ ރަށުގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކުންފުންޏަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވިވާހަކަފުޅުގައި ގިނަ ކައުންސިލުތަކުން އެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ޓަކައި އިސްނެގުމާއެކު މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަން އުފަލާއެކު ފާހަގަކުރައްވާފައި ވެއެވެ.
ކ. މާފުށީ، މަންތާ އައިލެންޑް އަދި ޕިކުނިކު އައިލެންޑް ހިމެނޭ ގޮތަށް ގޮނޑުދޮށްތައް ތަރައްޤީކުރުމަށް ގަނެފައިވާ ސޭންޑް ޕަންޕު، ބާޖު ބޭނުންކުރަން ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ހިމެނޭ ދާއިރާގެ މެންބަރާއި، މާލެއަތޮޅު ކައުންސިލްގެ ރައީސާއި، މާފުށީ ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ މެންބަރުންނާއި، މާފުށީ ޑަބްލިޔޫޑީސީގެ މެންބަރުންނާއި، މާފުށީ ލޯކަލް އޮތޯރިޓީ ކުންފުޏީގެ ވެރިންނާއި، މާފުށީގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މި ލިޔުން ކިޔާލުމުން