ޤައުމީ ތަރިކައިގެ ދުވަހާ ގުޅިގެން، ދިވެހި މާއްދީ ތަރިކައިގެ ބައެއް ބިނާނަތަކަށް ޒިޔާރަތްކުރި ފަރާތްތަކަށް އެ ތަންތަނާ ބެހޭ މަޢުލޫމާތު ދީފިއެވެ.
ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން، އިއްޔެ ހަވީރު 16:00 އިން 17:45 އަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރާއްޖޭގެ ތަރިކައިގެ ވަރަށް މުހިންމު ބައެއް ތަންތަން ދައްކާލެވުނެވެ.
އޭގެތެރޭގައި މާލޭ ހުކުރު މިސްކިތާއި ކަޅުވަކަރު މިސްކިތް ހިމެނެއެވެ. މީގެ އިތުރަށް ހއ. އުތީމު ގަނޑުވަރުގައި ވެސް ވަނީ ޤައުމީ ތަރިކައިގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ގަނޑުވަރަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައި، ޒިޔާރަތްކުރި ފަރާތްތަކަށް އެ ގަނޑުވަރާ ބެހޭ ތާރީޚީ މަޢުލޫމާތު ހިއްސާކޮށްފައެވެ. ތަރިކައިގެ ތަންތަނަށް ޒިޔާރަތްކުރި ފަރާތްތަކަށް އެތަންތަނާ ބެހޭ މަޢުލުމާތު ދެއްވީ، ދިވެހި ތަރިކަ އިއާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ބައެއް އިސްވާރުންނާއި، ދިވެހި ބަހާ ބެހޭ ވުޒާރާގެ ބައެއް މުއައްރިޚުންނެވެ.
މީގެ އިތުރަށް ތަރިކަ ދިރާސާކުރާ މަރުކަޒުގެ ބައެއް ބޭފުޅުން ހިމެނެއެވެ.
2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ޤައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ރާއްޖެއިން އަންނަނީ ފާހަގަ ކުރަމުންނެވެ.
ޤައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި އެ ދުވަސް ކަމުގައި ކަނޑައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނަށް އަމަލުކުރަން ފެށި ދުވަސް ކަމަށް ވާތީއެވެ.
ސަގާފީ ތަރިކައިގެ ޤަނޫނަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ ޢަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކޮށްފައި އޮންނަ ގާނޫނެވެ.
މި ލިޔުން ކިޔާލުމުން