އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު 23 ބާވަތާއި ހަނޑޫ، ހަކުރު، ފުށް ވެސް ލިބޭނެކަން ކަށަވަރުކުރަން އެސްޓީއޯއިން މަސައްކަތްކުރާނެ ކަމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ވަޒީރު ވިދާޅުވީ 1965 އަށް ފަހު ސެޕްޓެންބަރު 10 ގައި އައީ ވަރަށް ބޮޑު ބަދަލެއް ކަމަށެވެ.
"އަސާސީ ތިން ބާވަތް، ހަނޑޫ، ހަކުރު އަދި ފުށުގެ ތެރެއަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުންގެ ބޭނުމަށް ކޮންސިއުމްކުރަން ގެންނަ 10 ބާވަތެއްގެ ތަރުކާރީއާއި، 10 ބާވަތެއްގެ މޭވާ މިއައީ އިތުރުވެގެން. އޭގެ އިތުރަށް އަދި ތިން ބާވަތަކާއެކު ޖުމުލަ 23 ބާވަތެއް މިއައީ އިތުރުވެގެން"، މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެސް.ޓީ.އޯ އިން މަސައްކަތް ކުރާނީ މި 23 ބާވަތާއި އޭގެ އިތުރަށް ހަނޑޫ، ހަކުރު، ފުށް ވެސް ލިބޭނެކަން ކަށަވަރުކުރަން ކަމަށެވެ.
"މީގެ ފަހުން އެ ޔަޤީންކަން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ"، މިނިސްޓަރ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކޮންސިއުމްކުރަން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކޮން ބާވަތެއްގެ ތަރުކާރީއެއްތޯ އާއި ކޮން ބާވަތެއްގެ މޭވާއެއްތޯ ކޮންމެ އަހަރަކުވެސް ރިވިއުކޮށް، އަސާސީ ކާބޯތަކެތީގެ ލިސްޓު އެކުލަވާލާނީ ހައުސްހޯލްޑް އިންކަމް އަށްވެސް ބަލާފައި ކަމުގައި ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން