ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުން ކަމަށެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމިޓީތަކުން ފަސް ސަތޭކަ ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަޙައްދުގެ ތަފްޞީލާއި (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު) ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޕްލޭން ހުށާހޅަންޖެހެއެވެ.
މިނިސްޓްރީގެ ޒިންމާ:
- މުޑުވަށް ފޯރުކޮށްދިނުން
- ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުން
- ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޒިންމާ:
- ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދުން
- ބިން ސާފުކުރުން
- މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުން
- ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑު ބެލެހެއްޓުން
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތަޢާރަފްކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ރޭވިފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ (ޑަބްލިއު.ޑީ.ސީ) ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޑަބްލިއުޑީސީ ތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭން މިނިސްޓްރީއަށް ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން