ކ. ގާފަރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަން ނިންމައިފިއެވެ.
ގާފަރު ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ފާސްކޮށްފައިވާ "ކ. ގާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" އާއި އެއްގޮތްވާ ގޮތުގެ މަތީން ކ.ގާފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތުން އުސޫލާއި އެއްގޮތަށް ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 1680 އަކަފޫޓުގެ 60 ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަިދ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައްވެސް ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ގޯއްޗަށް އެދި ހުށައަޅާ ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށެވެ. ފޯމް ލިބެން ހުންނާނީ ގާފަރު ކައުންސިލްގެ އިދާރާއިންނެވެ.
ކައުންސިލުން ބުނީ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 17 ން ފެށިގެން 2025 އޮކްޓޫބަރު 16 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން 13:00 އަށް ކައުންސިލް އިދާރާއިން ކަމަށެވެ.
މި ލިޔުން ކިޔާލުމުން