ޒުވާނުންގެ އިނާމު 2025 އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އަހަރު ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކަމަށާއި، ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދެވިގެންދާނެ ކަމަށެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.
ވީމާ، މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، 29 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އަންގައިފައެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން