ހެންވެއިރު ގެއަކުން ތޫނު ހަތިޔާރު ހޯދައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރާއި އާލާތްތައް، އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން 2025 ސެޕްޓެމްބަރ 3 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) ވަނީ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން