ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދަންނަން ޖެހޭ ކަމަށާއި، އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް ތަބަޢަވުން ހިމެނޭ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫޢަކީ "رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވުން"، މިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ ޖިންނީންނާއި އިންސީންނަށް ތެދު މަގު ދެއްކެވުމަށްޓަކައި މާތްﷲ ފޮނުއްވެވި ރަސޫލާ ދެކެ ލޯބިވުމަކީ ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަމެއް ކަމަށާއި، އެއީ މާތްﷲ އަމުރުކުރައްވާފައިވާ އެންމެހައި މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.
މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ ކީރިތި ރަސޫލާ ރަސޫލުކަމައިގެން ފޮނުއްވެވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނު އަނދިރީގައި ކަމަށާއި، އަނިޔާއާއި ބޭއިންސާފުން ފުރިފައި ކަމަށާއި، ބާރު އޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައި ކަމަށާއި، މީސްތަކުން ތިބީ އެކި ފަންތިތަކަށް ބަހާފައި ކަމަށާއި، ރިބާކެއުމާއި، ބުދަށް އަޅުންކުރުމާއި، ޣައިބު ދަންނަ ކަމަށް ދަޢުވާކުރުން އޮތީ އިންތިހާއަށް ކަމަށެވެ.
އެ ޒަމާނުގައި ޖިންނި ޝައިތާނުންގެ އެހީގައި ކަހީނުކަންކޮށް، ފާލުބަލައި ރަމަލުޖަހާ މީހުން އުޅުނު ކަމަށާއި، އެބައިމީހުން މީސްތަކުންގެ ނަސީބު ހުރި ނެތް ގޮތް ކިޔައިދީ، މީސްތަކުންގެ ތަނަވަސްކަމަށް އަރައިގަންނަ ކަމަށާއި، އޭރުގެ މުޖުތަމަޢުގައި އަންހެނުންނަށް އެއްވެސް މަޤާމެއް ނެތް ކަމަށާއި، ވާރުތައިން ލިބޭ ހިއްސާއެއް ނޯންނަ ކަމަށާއި، އެކަމަކު އަންހެނަކު މަރުވެއްޖެނަމަ އޭނާގެ މުދާ އެހެން މީހުންނަށް ވާރުތައިން ލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވީ މީސްތަކުން މިފަދަ ހާލެއްގައި ވަނިކޮށް މާތްﷲ މީސްތަކުންގެ މައްޗަށް ދަރުމަވެވޮޑިގެން ތެދުމަގައިގެން ފޮނުއްވި ބޭކަލަކީ ކީރި ތަސޫލާ ކަމަށާއި، އެކަލޭގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި ހަމަހަމަކަން އޮތް ކަމަށާއި، އެއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުވޭނެ މަގު ކަމަށާއި، އެ ދީނުގެ ސަބަބުން ބައިބައިވެފައި އޮތް މުޖުތަމަޢު އެކުވެރިވެ، ހަތުރުން މިތުންނަށްވެ، ނަރަކައިގެން މިންޖުވެ ސުވަރުގެ ވަދެވޭނެ މަގު ފަހިވި ކަމަށާއި، ކީރިތި ރަސޫލާ ދެކެ ލޯބިވާން ޖެހެނީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.
އަދި އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނުގެ އަރިހުގައި އަޑުމަޑުކުރުމާއި، އެކަލޭގެފާނަށް އިޙްތިރާމްކުރުން ހިމެނޭ ކަމަށާއި، އެކަން އެ ގޮތަށް ނުކުރާ މީހުންގެ ޢަމަލުތައް ބާޠިލުވެދާނެ ކަމަށް ﷲ ވަޙީކުރައްވާފައިވާ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ މިއަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނުގެ ޝަޚުސިއްޔަތާއި ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭ ކަމަށެވެ.
މި ލިޔުން ކިޔާލުމުން