ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް މޫނުބުރުގާ އެޅޭ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގަވާއިދު އިޞްލާޙުކޮށްފިއެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތެއްގައި ކަމަށެވެ.
ނަމަވެސް މި މާއްދާއަށް ގެނައި އިޞްލާޙުގައި ބުނެފައިވަނީ މި މާއްދާގައި މިހެން އޮތް ނަމަވެސް، ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން މޫނު ބުރުގާ (ލޯ ނުފޮރުވޭ ގޮތަށް) އެޅުމަކަށް ގަވާއިދު ހުރަހެއް ނާޅާ ކަމަށެވެ.
ނަމަވެސް، މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން މިފަދައިން ހެދުން އަޅާ މުވައްޒަފަކީ ކާކުކަން ކަށަވަރުކުރަން ބޭނުންވެއްޖެނަމަ، އެ ފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަންވާނެ ކަމަށްވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ސަބަބުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ދިނުން ހުއްޓުވުމުގެ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވީ ދީނާ ޚިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށާއި، އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން