ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކެއްކަން ކަށަވަރު ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން ޕްރެސް ފާސް ދޫކުރާނީ އެޑިޓަރުންނާއި، ރިޕޯޓަރުން/ޖަރނަލިސްޓުންނާއި، ޕްރެޒެންޓަރުންނާއި، ލިޔުންތެރިންނާއި، ކޮލަމިސްޓުންގެ އިތުރުން ފޮޓޯ ޖާނަލިސްޓުން އަދި ވީޑިއޯ ޖާނަލިސްޓުންނަށެވެ.
ބްރޯޑްކޮމް އިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ބްރޯޑްކާސްޓިންގ އަދި ކޮމިއުނިކޭޝަން ދާއިރާއާއި، މި ދެ ދާއިރާއާ ގުޅުންހުރި އެހނިހެން ދާއިރާތަކުން ދަށްވެގެން އެމް.ކިޔު.އޭ ލެވެލް 3 ގެ ސަނަދެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މީގެ އިތުރުން އެކްރެޑިޓް ކުރުމަށް އެދޭ ފަރާތަކީ ފާއިތުވި ފަސް އަހަރު ދުވަހު ޖިނާޢީ ކުށެއް ސާބިތުވެފައި ނުވާ ފަރާތެއް ކަމުގައިވުމާއެކު، ބްރޯޑްކޮމް އިން ކަނޑައަޅާ ތަމްރީނު ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވާން ވާނެއެވެ. މި ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވުމުގެ ފީ އަކީ 100ރ. އެވެ.
ބްރޯޑްކޮމްގެ އުސޫލުގައިވާ ގޮތުން އެކްރެޑިޓޭޝަން ކާޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މި އުސޫލުގެ ދަށުން އެކްރެޑިޓްކުރާ ފަރާތްތަކުގެ ދަފުތަރު ބްރޯޑްކޮމްގެ ވެބްސައިޓުގައި ޝާއިޢުކޮށް ބަލަހައްޓަމުންދާނެއެވެ.
މި ލިޔުން ކިޔާލުމުން