ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ބާލާ މުދަލުން ދެން ޑިއުޓީ ނުނަގާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ކުޅުދުއްފުށީ ބަނދަރުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރު އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ކުޅުދުއްފުށީގައި ކެއިންބުއިމަށް ބޭނުންކުރާ ޒަރޫރީ ހުރިހާ ސާމާންތަކުގެ އިތުރުން ޑްރައި ގުޑްސް، ފްރޯޒަން ގުޑްސް، ރެސްޓްރިކްޓެޑް ގުޑްސް، ޖެނެރަލް ކާގޯގެ އިތުރުން ބަލްކް ކާގޯ ރައްކާތެރިކަމާއެކު ސްޓޯކުރުމުގެ ވަސީލަތް ޤާއިމްކުރެވިގެންދިޔައީ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަން ދާނީ އިތުރަށް ތަރައްޤީ ކުރެވެމުން ކަމަށެވެ.
"ދުނިޔޭގެ އެހެން ތަންތާނގައި މިކަހަލަ ކޮންސެޕްޓްތަކަށް ކިޔާ މިއުޅެނީ ފްރީ ޒޯން ނުވަތަ ޑިއުޓީ ފްރީ ޒޯން. އޭގެ އިރާދަކުރެއްވިއްޔާ ކުޑަ ވާޝާންއެއް ރާއްޖޭގައި ފެށިގެން މިދިޔައީ. މިކަން ތަރައްޤީކުރަން ދެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހަމަ ވަރަށް ބާރު ސްޕީޑްގައި އެމްޕީއެލް އިން ކުރަމުން އެބަގެންދޭ"، ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ކުރިއާ ޚިލާފަށް ރާއްޖޭގެ ހަމައެކަނި އެސެންޝަލް، ކްރިޓިކަލް ކޮންސިއުމަރ މުދަލަށް ވަކި އިންޑެކްސްއެއް ޤާއިމްކުރެވި އަގުތައް ބެލެހެއްޓޭނެ ގޮތްތައް ހަމަޖެހިގެން ހިނގައްޖެ ކަމަށެވެ.
"އަދި ތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި، ދިމާވި ޗެލެންޖަސްތަކާއެކުވެސް ވަރަށް ގިނަ، ވަރަށް ބޮޑު މަސައްކަތްތަކެއް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން އަޅުގަނޑުމެން މިދަނީ ކުރަމުން"، ވަޒީރު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން